ކުޑަކުދިންނަށް ތައުލީމު ދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ތައުލީމުގެ ގާނޫނަށް ޖުމްލަ 42 އިސްލާހުހ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ. މި ބިލް ހުށަހެޅުމުގެ އެއް މައިގަނޑު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ނަފްސާނީ ގޮތުން ހާއްސަ ހާލަތްތަކުގައި ތިބޭ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެގޮތުން އެކުދިންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް "ހޯމް ސްކޫލިން" ޕްރޮގްރާމެއް ތައުލީމުގެ ގާނޫނުގައި ތައާރަފްކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ހޯމް ސްކޫލިންގެ ދަށުން ތައުލީމު ފޯރުކޮށްދެވޭނެ ޝަރުތުތައްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

މި ބިލުގައި ހިމަނާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ސްކޫލަށް ދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދިނުން ހިމެނެއެވެ. އަދި މި ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް ތިން އަކުރު އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ.

އެގޮތުން މުދައްރިސުންނާއި ސްކޫލުގެ އިސްފަރާތްތަކަށް އަދި ބޮޑެތި މީހުންނަށް އިހްތިރާމްކުރުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުން، ސްކޫލް މާހައުލުގެ އަމާންކަން ގެއްލޭފަދަ ކަމެއް ނުވަތަ ސްކޫލް ބަންދުކޮށް ކިޔެވުން ހުއްޓާލަންޖެހޭ ފަދަ ކަމެއްގައި ބައިވެރިނުވުމާއި އެފަދަ ކަމަކަށް ހިތްވަރުލިބޭފަދަ ކަމެއް ނުކުރުންް ހިމެނެއެވެ. އަދި މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކުދިން އަހުލުވެރިކޮށް އެގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ބާރުއެޅުން ހިމެނެއެވެ.

މީގެ އިތުރުން ގާނޫނުގެ 23 ވަނަ މާއްދާގެ (ޅ) އަށް އަށް ހުށަހެޅި އިސްލާހަކީ، ސްކޫލްގަޑީގައި ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.